ބަކުރުބެއަކީ...

ބަކުރުބެއަކީ ކާކު؟

الشيخ أبو بكر إبراهيم علي، އަޖްޔާދު/ޅ.ހިންނަވަރު (ހިންނަވަރު ދަގަނޑުތަޅާގެ ބަކުރުބެ) އަކީ ދީނީރޮނގުން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ޢާލިމެކެވެ. ޢަރަބި ބަސް ކިޔަވާވިދާޅުވެފައިވާ ޢަރަބި ބަހުގެ އުސްތާޒެކެވެ. އަދި މި ދެންނެވި ޢިލްމުތައް ފެތުރުއްވުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ "ދާޢީ" އެކެވެ.
ޒަމާންތަކެއް ވަންދެން ނެގިމަޑުވެފައި އޮތް ރާއްޖޭގެ ދީނީ ހޭލުންތެރިކަން ކުރިއަރައި ދިރިގެން އަންނާން ފެށީ ދާދި ފަހަކުންނެވެ. މި ދެންނެވި ހޭލުންތެރިކަން ގެނަސްދިނުމުގެ އާރުކާޓީންގެ ތެރެއިން އެކެއްކަމުގައި ބަކުރުބޭ ހިމެނެއެވެ. އަދި އެކަމުގައި ބަކުރުބޭ މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. ޚާއްޞަކޮށް ތައުޙީދަކީ ކޮންއެއްޗެއްކަމާ އޭގެ އަހައްމިއްޔަތަކީ ކޮބައިކަން އޮޅުންފިލުވައިދެއްވައި، އެ ކަމުގެ ހޭލުންތެރިކަން ރާއްޖޭގައި އިތުރުކުރެއްވުމަށް ބަކުރުބޭ ކުރެއްވި މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެކެވެ.
އުފަން ރަށް ހިންނަވަރުގައި  މިހާރު ދިރިއުޅުއްވަމުން ގެންދަވާއިރު ފަހަކަށް އައިސް ރަމަޟާން މަސް އައުމުން މެންދުރު ނަމާދު ނުވަތަ ޢަޞްރު ނަމާދުން ނިމިގެން ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރު ކިޔައިދެއްވުމުގައި ވަގުތު ހޭދަކުރައްވައެވެ.
މިއުޒިކް ކުޅުމާއި، ތުނބުޅި ބެހެއްޓުން ފަދަ ބޮޑެތިބޮޑެތި މައްސަލަތަކާމެދު އިސްލާމް ދީނުގައި ބަޔާންވެފައިވާގޮތް ހާމަކޮށްދެއްވަމުން ގެންދެވިއިރު ކުރިމަތިވި ގިނަގުނަ ގޮންޖެހުންތަކާއެކުވެސް ސާބިތުވެ ހުންނެވިއެވެ.
ބަކުރުބޭގެ ބައެއް ޚިދުމަތްތައް:
-    މިދިވެހި ބިމުގައި ހުންނަވައިގެން ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވި ފުރަތަމަ ބޭފުޅެއްކަމުގައި އެނގެން އޮތީ ބަކުރުބެ އެވެ.
-    ކީރިތި ޤުރުއާނުގެ ތަފްސީރު ފޮތެއް ކަމުގައިވާ "ތަފްސީރުލް މުޔައްސަރު" މިފޮތް ބަކުރުބޭގެ އެކަނި މަސައްކަތުން ޢަރަބިބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވިއެވެ.
-    ދީނީ ތަފާތު މައުޟޫތަކުގައި އެކިއެކި ފޮތްތައް ދިވެހިބަހުން ލިޔުއްވާފައިވެއެވެ.
-    ތަފާތު ގިނަ ޕޯޑިއަމްތަކުގައި ދީނީ ރޮނގުން ތަޤްރީރުކުރައްވާފައިވެއެވެ.
-    ޢަރަބިބަސް ކިޔަވައިދެއްވުމަށްޓަކައި އެކިއެކި ކްލާސްތައް ހިންގެވިއެވެ.
-    ދީނީ މަޢުޟޫތަކުގައި ބޭއްވޭ ގިނަ ކޯސްތަކެއްގައި ކިޔަވައިދެއްވާފައިވެއެވެ. އަދި ބައެއް ކޯސްތަކަށް އަމިއްލައަށ މުޤައްރަރު ލިޔުއްވާފައިވެއެވެ.
-    ދީނުގެ މަޢުލޫމާތު އޮޅުންފިލުވުމަށް ފޯނުގެ ޒަރީޢާއިން އެކި މީސްމީހުން ގުޅައި ސުވާލު ކުރުމުން ޖަވާބު ދެއްވުމުގައި ވަކިމިވެނި ވަގުތެއް ނެތި ކޮންމެ އިރަކަސް ވީވަރަކުން ޖަވާބުދެއްވަމުން ގެންދަވައެވެ.

No comments:

Post a Comment